ފޯރިގަދަ ކުޅުމަކަށްފަހު ފަހަތުންއަރާ ލަންދޫޓިމުން ކުނޑަފަރިޓީމް ބަލިކޮށްލައިފި
ލިޔުނީ : މިހާސް
މިއަހަރުގެއުފާވެރި ފިޠުރުޢީދުގެ މުނާޞަބަތުގައި ލަންދޫގައި މިއަދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ފޯރިގަދަ ކުޅުމަކަށްފަހު ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) ގެ ނަމުގައި ނިކުތް ލަންދޫޓީމުން ކުނޑަފަރީ ޓީމް ބަލިކޮށްލައިފިއެވެ.
ކުޑަފަރީގެގާތްގަޑަކަށް 400 އަށްވުރެ ގިނަ ރައްޔިތުންގެ ކުރިމަތީގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފް މުޅިންހެން ކޮންޓްރޯލްކޮށް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަފައިވަނީ ކުޑަފަރީގެޓީމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ ފުރަތަމަ ހާފްގެ 26 ވަނަ މިނިޓްގައާއި 31 ވަނަ މިނިޓްގައި ހިތްގައިމް ދެގޯލްޖަހާ ކުޑަފަރި ޓީމުން ލީޑް ނެގުމެވެ. މިހާފްގައި ކުޑަފަރި ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ޖާރޒީ ނަމްބަރ 9 އައްޔައާއި ޖާރޒީނަމްބަރ 7 އެވެ. ފުރަތަމަ ހާފް ނިމިގެންދިޔައިރުވެސް ލަންދޫ ޓީމަށް މާއެދެވޭ ކުޅުމެއް ކުޅެވިފައެއް ނުވެއެވެ.
ދެވަނަ ހާފް ލަންދޫ ޓީމުން ފަށާފައިވަނީ ބަދަލްތަކަކާއި އެކުގައެވެ. މިގޮތުން ހުސެންޖަވާދު ( ޖަވާ ) ގެބަދަލްގައި ޢަލީ ހާފިޒް ( ހާއްޕެ ) އާއި ޝިނާން ޢަބުދުލްޤަނީ ( ސިންނޭ ) ގެ ބަދަލްގައި މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އާއި ހަސަންސައިފް ( ސައިއްޕޭ ) ގެ ބަދަލްގައި ޢަބުދުއްރަޙްމާން އަބޫބަކުރު ( އަދުރޭ ) އެރުވުމުން ފާހަގަ ކޮށްލެވެއެވެ.
ލަންދޫ ޓީމުން މިގެނައި ބަދަލާއި އެކު ޓީމް ވަރުގަދަ ވެގެންދިޔަތައް ފެނިގެން ދިޔައެވެ. ޚާއްޞަކޮށް މަޖޫ އެރުމުން ޓީމްގެ މެދުތެރެ ރަނގަޅުވެ ހަމަލަތައް އިތުރުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފަހު ހާފުގެ 13 ވަނަ މިނިޓްގައި ކުޑަފަރި ޓީމްގެ ޑިފެންސްލައިނަށާއި ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގާ ހާއްޕެ ލަންދޫ ޓީމަށް ފުރަތަމަ ލަނޑުޖަހާއިދީ ޓީމްގެ ހިތްވަރު އައުކޮށްދިނުމެވެ. ހާއްޕެ މި ލަނޑާއެކު ކުޑަފަރި ޓީމް އެއްކޮށްކަހަލަ ގޮތަކަށް ޕްރެޝަރަށް ވެއްޓިގެން ދިޔަތައް ފެނިގެންދިޔައެވެ.
ކުޑަފަރިޓީމްގެ ސަޕޯރޓަރުންގެ ވުލްޒެލާ ގެއަޑުން މުޅިތަން ގުގުމާފައިވަނިކޮށް ލަންދޫ ޓީމަށް ދެވަނަ ލަނޑުޖަހައިދީފައިވަނީ މި މެޗުގައިވެސް މޮޅުކުޅުމެއްދެއްކި ލަންދޫގެ މަޝްހޫރު ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަހީމް ( ޔޫއްޓޭ ) އެވެ. ޔޫއްޓެގެ މިލަނޑާއި އެކު ލަންދޫގެސަޕޯރޓަރުން ބޮޑުބެރުގެނެސް ލަންދޫ ޓީމަށް " ލަންދޫގެ ރަސްމީ ފުޓްބޯޅައިގެ ސަޕޯރޓް " ދޭން ފެށިތައް ފެނިގެންދިޔައެވެ. މިއާއި އެކު ޓީމްގެ ކުޅުންތެރިންނަށް އާ ހިތްވަރަކާއި ޖޯޝެއް އައިސް ކުނޑަފަރި ޓީމްގެ ޑިފެންސް ލައިނަށް ބާރުބޮޑުކުރަން ފެށިތައް ފެނިގެންދިޔައެވެ. ލަންދޫގެ ޒުވާން ހަލުވި ފޯވާރޑް މުޙައްމަދު ސަމާޙް ( ސަމައްޓޭ ) ހުއްޓުވުމަށްޓަކައި ކުނޑަފަރީގެސަޕޯރޓަރުން މިވަގުތު ކޮޅުގެތެރޭގައި ގިނަ ފައުލްތަކެއް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ.
މިފޯރިގަދަ މެޗުން ލަންދޫ ޓީމް މޮޅުވި ލަނޑު ލަންދޫ ޓީމަށް ޖަހައި ދިނީ ލިބުނު ހިލޭޖެހުމެއް ހިތްގައިމު ގޮތަކަށް މަޖޫ ގޯލްކުރިމައަްޗަށް ހުރަސްކޮށްލުމުން ލަންދޫގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ސަމައްޓޭ ގެ ބޮލުންނެވެ. މިއީ މިއަހަރު ( ސަމައްޓޭ ) ލަންދޫ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.
ސަމައްޓޭގެ މި ގޯލަށްފަހު ކުނޑަފަރި ޓީމްގެ އެންމެފަހަތައް ކުޅުނު ފާއިޒް ކުރިއަށް އަރާ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިތައް ފެނިގެން ދިޔައެވެ.
މި ފޯރިގަދަ މެޗު ނިމިގެންދިޔައީ ކުނޑަފަރި އާއި ލަންދޫ ރައްޔިތުންގެ ކުރިމަތީގައި 2 ލަނޑު 3 ލަނޑުން " ލިޔެސް " ގެ ނަމުގައި ނިކުތް ލަންދޫ ފުޓްބޯޅަ ޓީމް މޮޅުވެގެންނެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ