" ލަންދޫސޮކަރ.ކޮމް " އާއި އެކު އައު ފޭރާމަކަށް މަރުޙަބާ !!


ލިޔުނީ: މިހާސް
މިއަދަކީ " ލަންދޫ ސޮކަރ " ގެ ތާރީޙްގައި ވަރަށް ޙާއްޞަ އަދި މުޙިއްމު ދުވަހެކެވެ. " ލަންދޫ ސޮކަރ. ބްލޮގް ސްޕޮޓް.ކޮމް " ގެ ނަމުގައި ފެއްޓި ބްލޮގް " ލަންދޫ ސޮކަރ.ކޮމް " ނަމަށް ބަދަލްވެގެންދާ ތާރީޙީ 10 – 10 – 10 ވަނަ ދުވަހެވެ.
މިތާރީ ދުވަހުގެ މުނާޞަބަތުގައި އެންމެ އިސްވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ މި ސައިޓްގެ ކުރު މާޒީގައި މި ލިބުނު ކުރިއެރުންތައް ފާހަގަކޮށް މާތްﷲ ސުބުޙާނަޙޫ ވަތަޢާލާގެ ހަޟްރަތަށް ޝްކުރު ދެންނެވުމާއި އެކު މި ސައިޓްގެ ކާމިޔާބީ ކަމުގައިވާ މިސައިޓްގެ އެންމެހާ ބައިވެރިންނަށް މަރުޙަބާ އާއި ޝްކުރު ދެންނެވުމެވެ.
ތާރީޙީ ގޮތުން ފާހަގަ ކޮށްލެވޭ މި ރީތި ތާރީޙީ ދުވަހު މި ސައިޓަށް މި ބޮޑުބަދަލް ގެނެވުން މިއީ އިއްތިފާޤެއްކަމުގައި ވީނަމަވެސް މިއީ މި ސައިޓްގެ ފަރުމާކުރުންތެރިޔާގެ ބުރަ ބޮޑު މަސައްކަތެއްކަން މި ފުރުޞަތުގައި ޝްކުރުވެރި ކަމާއި އެކު ފާހަގަ ކޮށްލަމެވެ.
މި ސައުޓްގެ ޓެކްނިކަލް އަދި ޑިޒައިން ހުރިހާމަސައްކަތެއްވެސް ކުރައްވާފައިވަނީ އަދި ކުރައްވަމުން ގެންދަވަނީ ލަންދޫގައި އެފަދަ ދެވަނައެއްނުވާ އަޅުގަނޑުގެ އަޙް އަލްފާޟިލް ޢަބުދުﷲ އިބރާޙިމް ( ޒީރޯ ) އެވެ. މިފުރުޞަތުގައިވެސް ޢަބުދުﷲ އިބްރާޙިމް މި ސައިޓް ކުރިއަށް ގެންދިއުމުގައި ވެދެއްވަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުގެ ބަސްތައް ތަކުރާރުކޮށްލަމެވެ.
ތާރީޙީ ގޮތުން އައި މި ރީތި ތާރީޙީ ދުވަހު މިސައިޓްއަށް މި ބޮޑު ބަދަލް ގެނެވިގެންމިދަނީ އަޅުގަނޑުގެ އެކުވެރި އަދި އަޅުގަނޑުގެ ދަރިވަރު ނ.ލަންދޫ ކާމިނީވިލާ އަލްފާޟިލް އާދަމް ނަސީމް ( އެޑަމް ) ގެ ދީލަތި އަދި އިޙްލަސްތެރި އެހީތެރި ކަމާއިވެސް އެކުގައެވެ. މިފުރުޞަތުގައި މިފދަ ކޮންމެ މުޙިއްމު ދަޑިވަޅެއްގައި އެންމެ މުޙިއްމުވާ ވަގުތުތަކުގައި އެޑްމްގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެޑަމްއަށްވެސް ޝްކުރުގެ ބަސްތައް ތަކުރާރުކޮށްލަމެވެ.
ޙަޤީގަތުގައި މި ސައިޓް ވުޖޫދަށް އައިސް މިހާކާމިޔާބުކަމާއި އެކު އަވަސް ގޮތަކަށް ހަރުފަތަކަށްފަހު ހަރުފަތެއް ކަނޑަތުކުރެވެމުން މިދަނީ މިކަމުގައި އަޅުގަނޑަށް މަގުދައްކަވާ އިސްމޭސްތިރިންގެ ސަބަބުންކަން މިފުރުޞަތުގައި ފާހަގަކޮށް މި މަސައްކަތުގައި އަޅުގަނޑަށް އިރުޝާދު ދެއްވަވާ އަޅުގަނޑުގެ އަޙް އަލްފާޟިލް އަޙްމަދު ދާއޫދު ( އައްމަޑޭ ) އަށާއި އަޅުގަނޑުގެ އަޙް އަލްފާޟިލް ހާރޫން ރަޝީދު ( ހާރޫން ) އަށް ވެސް ޝްކުރުގެ ބަސްތައް ތަކުރާރުކޮށްލަމެވެ.
މާތްﷲ ގެ ހެޔޮރަޙްމަތްފުޅާއި ވާގިފުޅާއި އަދި މިންވަރު ފުޅާއި އެކު އަޅުގަނޑުގެ މަސައްކަތައް މި ގެނެވުނު ބޮޑުބަދަލާއި އެކުގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ ތެދުވެރިކަމާއި ، އަމާނާތްތެރިކަމާއި އެކު ލަންދޫގެ ފުޓްބޯޅައަށް ޚާއްޞަ ސަމާލްކަމެއް ދީގެން ފުޓްބޯޅައާއި ބެހޭ ތަފާތުމަޢޫމާތާއި ޚަބަރުތަކުގެ އިތުރުން މިކަމާއި ގުޅުންހުރި ފަރާތްތަކުގެ ސާފް ތެދު ސަޢްޙަ މަޢުލޫމާތުތައް ގެނެސް ދެވޭތޯއެވެ.
މިތާރީޙީ ދުވަހު އަދިވެސް އެއްފަހަރު މިސައިޓްގެ އަހުުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ތާޢީދު ފާހަގަކޮށް ނިޙާޔަތައް ޝްކުރުވެރިވަމެވެ. ޝުކުރިއްޔާ !
...އިތުރަށް

ތަޖުރިބާކާރު ގޯލްކީޕަރ ވައްސޭ ވެލޯސިޓީއަށް

ލިޔުނީ : މިހާސް
ލަންދޫގެ ތާރީޙްގައި މިހާތަނަށް ފުޓްބޯޅައިން ހޯދިފައިވާނަމަ ހޯދިފައިވާ ކާމިޔާބެއްގެ ހިއްސާވާ އެއްކުޅުންތެރިއެއް ކަމުގައިވާ ތަޖުރިބާކާރު ގޯލްކީޕަރ ކ.މާލެއަށް އުފަން ރީދޫމާގެ އަލްފާޟިލް މުޙައްމަދު ވަސީމް ( ވައްސޭ ) މިއަހަރުގެ ހޮލިޑޭކަޕްގައި ކުޅޭނީ ވެލޯސިޓީއަށް ކަމުގައި އޭނާ އާއި އެކުލަބުން ހާމަކޮށްފިއެވެ.
ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އިން އިންތިޒާމްކޮށްގެން 2008 ގައި ބޭއްވި " ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގައި ވައްސޭ ކުޅެފައިވަނީ އެމުބާރާތުގެ ޗެމްޕިއަންޓީމް ކަމުގައިވާ " އެފްސީ އޮކާޗީ " އަށެވެ .
ނަމަވެސް މިއަހަރު ވައްސޭ ވެލޯސިޓީއަށް ކުޅެން ނިންމި މައިގަޑެއް ސަބަބެއްކަމަށް ވައްސޭ ހާމަކުރައްވަނީ މިވަގުތު ލަންދޫ ސީނިއަރ ޓީމުގެ އެންނަމްބަރ ގޯލްކީޕަރ ނ.ލަންދޫ ކާމިނީވިލާ އަލްފާޟިލް މުޙައްމަދު އަލީ ( މޯޑް ) އެފްސީ އޮކާޗީގައި ހުރުމުން އޭނާއަށް އެޓީމްގެ ފުރަތަމަ އެގާރައިން ޖާގަހޯދުމަށް އުދަގޫވުމާއި ވެލޯސިޓީގައި ގޯލްކީޕަރެއް ނެތުމުން އެޓީމްގެ ފަރާތުން އެދުމުން އެޓީމަށް އޭނާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.
ވެލޯސިޓީ ފާހަގަ ކުރެވިފައިވަނީ ވަރަށް ވަރުގަދަ ސްކޮޑެއް އޮތް ރަނގަޅު މެނޭޖުމަންޓެއް އެކުލެވިގެންވާ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. ވައްސޭ ފާހަގަ ކުރެވިފައިވަނީ ގޯލްގައި ހުރެގެން ހުޝިޔާރުކަމާއި ޖެހިލުން ކުޑަކަމާއި އެކު ފިސާރި ރަނގަޅަށް ގޯލްބަލަހައްޓަމުން ކުޅުންތެރިންނަށް ގޮވާ ހަޅޭލަވައިގެން ޓީމްގެ ކުޅުންތެރިންލައްވާ ކުޅުވުމަށް މަސައްކަތް ކުރާ ކުޅަ ދާނަ ގޯލްކީޕަރެއްގެ ގޮތުގައެވެ.
ވައްސޭ އޮކާޗީ ދޫކޮށް ވެލޯސިޓީއަށް ބަދަލްވި ބަދަލްވުން ވެގެންދާނީ ވައްސޭގެ ސްޕޮންސާސިޕް ދީގެން އަންނަމަހުގެ 20 ވަނަ ދުވަހު " ލިޔެސް " އިން ފެށުމަށް ތައްޔާރުވާ " އާރް.އެސް ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތުގައި ވައްސޭގެ ހުރި ހުނަރުވެރިކަމާއި މޮޅުކަން ދައްކާ މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރުކަމުގެ މަޤާމް ހޯދުމަށް ވައްސޭ ނިންމި ރަނގަޅު ނިންމުމެއްކަމުގައެވެ.
މިހާރުގެ އަޑުތައް ހުރިގޮތުން މިފަހަރުގެ މި ތާރީޙީ މުބާރާތުގެ ފޯރި ވަރަށް ބޮޑުތައް އިތުވެގެން ދާނެކަމަށް ބެލެވޭއިރު އަދިވެސް މުބާރާތުގެ ޓްރާންސްފާ ޤަވާއިދު އާއްމު ކުރެވިފައިނުވާކަން ވަރަށް ހިތާމައާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.
... އިތުރަށް

ފެންހެދޭ މިންވަރު އެތައްތަނެއް އިތުރު ވެއްޖެ

ލިޔުނީ: މިހާސް
އަޅުގަނޑުމެންގެ ރަސްމީ ފުޓްބޯޅަ ( ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ދަނޑު ) ދަނޑުގައި ވިއްސާރަވުމުން ފެން ހެދޭ މިންވަރު ކުރިއާއި އަޅާބަލާއިރު މިއަދު އެތައްތަނެއް އިތުރު ވެއްޖެއެވެ.
މިކަންމިގޮތައް ދިމާވާން މެދުވެރިވި ސަބަބެއްކަމަށް އަޅުގަނޑަށް ޤަބޫލްކުރެވެނީ ދަނޑުގައިވާ މަޑުފަސްގަޑު ނެގުމުން ކަމުގައެވެ. ފުޓްބޯޅަ ކުޅެންދާ ކުޅުންތެރިންނަށް ޚާއްޞަކޮށް ގޯލްޖަހާ ކުޅުންތެރިންނަށް އުދަގޫވާތީވެ ދަނޑުގެ ދެކުނުކޮޅު ގޯލްކައިރީގައިވާ ފަސްގަނޑުން ބޮޑުބައެއްވަނީ ދާދިފަހުން ނަގާފައެވެ. މި ނެގި ނެގުމުގައި ދަނޑުގެ މެދު ލެވަލްކުރުމަށްޓަކައި އަޅާފައިވާ ވެލިގަނޑުންވެސް ބޮޑުބައެއްވަނީ ނަގާފައެވެ.
މިއަދު ރަށަށް ކުޑަކޮށް ވާރެވެހިލި ނަމަވެސް ދަނޑުގެ ދެކުނު ކޮޅު ގޯލްކުރިމަތިން އެއް އަރިމައްޗަށްވާ ގޮތައް އޮންނަނީ ބޮޑު ފެންގަނޑެއް ހެދިފައެވެ. މިކަމުގެ ސަބަބުން ރަށަށް ކުޑަކޮށް ވޭރެވެހިލިކަމުގައިވިޔަސް ދަނޑުގައި ފުޓްބޯޅަ ކުޅުންވަނީ ވަރަށް ދަތި އުދަގޫ ކަމަކަށް ވެފައެވެ.
މިއަދު މިކަމަކީ އަޅުނގަޑުމެން ކުޅެންދާ ކުޅުންތެރިންގެ މެދުގައި ވާހަކަ ދެކެވިގެން ހައްލު ހޯދަން ޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
... އިތުރަށް

ވީބީ ހަމަ ބަލިވީތަ !!؟

ލިޔުނީ: މިހާސް
ރާއްޖޭގައި ބޭއްވޭ ފުޓްބޯޅަ މުބާރާތް ތަކުގެ ތެރެއިން އެމުބާރާތެއް ކާމިޔާބު ކުރުމުން އޭ.އެފް.ސީ ކަޕުން ޖާގައެއްލިބޭ އެއްމުބާރާތްކަމަށްވާ އެފް.އޭ ކަޕްގެ މިއަހަރުގެ ފުރަތަމަ ސެމީފައިނަލް މެޗުގެ 78 މިނިޓް ކުޅެވިފައިވަނިކޮށް ދިމާވި މައްސަލަ ތަކަކާއި ގުޅިގެން ފީފާގެ ރެފްރީ ޢަލީ ޢާދިލް ކުޅުންހުއްޓަވާލެއްވި މެޗާއިމެދު ރާއްޖޭގެ ފުޓްބޯޅައިގެ މައިއިދާރާގެ ޑިސިޕްލިނަރީ ކޮމެޓީ އިން އެތައްގަޑިއިރެއްވަންދެން މަޝްވަރާކުރެއްވުމަށްފަހު އެމެޗުން ވީބީ ސްޕޯރޓްސް ކުލަބު ބަލިވީކަމަށް ނިންމެވި ނިންމެވުމަކީ ހަމަ ޙަޤީގަތުގައިވެސް ވިބީ ބަލިވި ބަލިވުމެއް ބާވައެވެ.
މިހާރު ރާއްޖޭގައި އޮތް އެންމެ ވާދަވެރި ދެޓީމްކަމަށް ގިނަބަކު ޤަބޫލްކުރާ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ވީބީ ސްޕޯރޓްސް ކުލަބު ބައްދަލް ކުރި މިއަހަރުގެ ކޮކާ ކޯލާ އެފް.އޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗު ހުއްޓާލަން ޖެހުނީ ނިއުރޭޑިއަންޓުން ފުރަތަމަ ހާފްގައި ދެލަނޑު ޖަހާފައިވަނިކޮށް މެޗުގެ ފަހުހާފުގައި ނިއުގެ ބަލްގޭރިޔާގެ ޑިފެންޑަރ ބޯޅަ ނެތިސް ވީބީ ގެ ކެޕްޓަން ޢަލީ އަޝްފާޤް ( ދަނގަޑޭ ) ގަޔަށް ކުޅުޖހުމުން މެޗުގެ ރެފްރީ ޢަލީ އާދިލް އޭނާއަށް ރަތްކާރޑް ދެއްކުމުން ނުއުގެ ކުޅުންތެރިންނާއި ، އޮފިޝަލުން ހޫނުވެ އޮފިޝަލުންނާއި ސަޕޯރޓްރުން ދަނޑަށް އެއްޗެތި އުކާ ދަނޑަށް އެރުމުންނެވެ.
އެމެޗާއި ގުޅިގެން މިއަދު އެފް އޭ އެމް އިން ނެރުނު ބަޔާނެއްގައިވަނީ އެރޭގެ މެޗުން 2 – 0 ލަނޑުން ނިއު މޮޅުވީ ކަމަށާއި އަދި ރެފްރީ މެޗުކުރިއަށް ނުގެންދެވިގެން މެޗު މެދުކަނޑާލުމަށްފަހު އަލުން މެޗުކުޅުމަށް ވީބީ އިން ދަނޑަށް ހާޒިރު ނުވުމުގެ ސަބަބުން އެޓީމް -/5000 ރ އިން ޖޫރިމަނާ ކުރުމަށް އެފް.އޭ.އެމް ޑިސިޕްލިނަރީ ކޮމެޓީ އިން ނިންމީކަމުގައެވެ.
މި މެޗުގައި ހިގާދިޔަ ކަންތައްތަކާއި ގުޅިގެން ވީބީ ގެ އިތުރުން މެޗުގެ ރެފްރީ އާއި މެޗު ކޮމިޝަނަރ އާއި ދެޓީމްގެ ބައެއް އޮފިޝަލުންނާއި އަދި ދެޓީމްގެ ބައެއް ކުޅުންތެރިންނާއި މެދުވެސް އެފް.އޭ.އެމް ޑިސިޕްލިނަރީ ކޮމެޓީ އިން ތަފާތު ފިޔަވަޅުތައް އަޅާފައިވާކަމަށް އެފް.އޭ.އެމް ގެ ނޫސްބަޔާނުގައި ވެއެވެ.
މިއީ މިއަހަރު ތެރޭގައި މި ދެޓީމް ބައްދަލްކުރި މެޗަކަށްފަހު މިފަދަ ކަންތައްތަކެއް ހިގާދިޔަ ދެވަނަ ފަހަރުކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ.
... އިތުރަށް

ޕެނަލްޓީޖަހައިގެން ވިކްޓަރީ ފައިނަލަށް

ލިޔުނީ: މިހާސް
ކޮކާ ކޯލާ އެފް އޭ ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި ކުލަބު ވެލެންސިއާ އާއި ބައްދަލްކޮށް ޕެނަލްލަޓީ ޖަހައިގެން މޮޅުވެ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ވިކްޓަރީ ސްޕޯރޓްސް ކުލަބު އެ މުބާރާތުގެ ފައިނަލަށް ހިގަންޖެއެވެ.
ރޭކުޅެވުނު ފޯރިގަދަ މެޗުގައި ފުރަމަ ލަނޑު ޖަހާ ކުރި ހޯދީ ވިކްޓަރީން ކަމުގައިވިޔަސް ވެލެންސިއާ އިންވަނީ ފަހަތުންއަރާ އެއްވަރުކޮށްފައެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވި އިރު 1 – 1 ން އެއްވަރުވުމުން އިތުރުވަގުތު ކުޅުމުގައިވެސް މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ކުރިހޯދީ ވިކްޓަރީންނެވެ . އެހެނަސް މެޗް ނިމެން މަދު ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް ވެންސިއާ އިން ލަނޑެއްޖަހާ މެޗް އެއްވަރ ވުމުން ޕެނަލްޓީ ޖަހައިގެން ވިކްޓަރީ މޮޅުވީ 5 - 3 ގެ ނަތީޖާއަަކުންނެވެ.
ފައިނަލްގައި ވިކްޓަރީ ބައްދަލްކުރަންޖެހޭ ޓީމެއް އަދިވެސް އޮތީ ނޭގުމެއްގެ ތެރޭގައެވެ. އެއީ މެޗު ވަގުތު ހަމަނުވަނީސް ނިންމާލި ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް އާއި ވީބީ ސްޕޯރޓްސް ބައްދަލްކުރި މެޗުގެ ނަތީޖާ އަދިވެސް އެފް.އޭ.އެމް އިން ވަކިގޮތަކަށް އިޢުލާންކޮށްފައި ނުވާތީއެވެ.
... އިތުރަށް

ރީދޫ ލަންދޫ ބޯޓް ( އާރް.އެލް.ބީ ) - ރީދޫ ސްޕާރކްލިންގ ( އާރް.އެސް ) އަށް ބަދަލްކޮށްފި

ލިޔުނީ: މިހާސް
ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާކަމުގައިވާ ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) ގެ ފަރާތުން މިއަހަރު ރާވާ އިންތިޒާމް ކުރުމަށް ހަމަޖެހިފައިވާ " އާރް.އެލް.ބީ ( ރީދޫ ލަންދޫ ބޯޓް ) ލިޔެސް ހޮލިޑޭކަޕް " ގެ ނަން " އާރް.އެސް ( ރީދޫ ސްޕާރކްލިންގ ) ލިޔެސް ހޮލިޑޭކަޕް " ގެ ނަމަށް ބަދަލްކޮށްފިއެވެ. އަޅުގަނޑަށް ޤަބޫލްކުރެވޭ ގޮތުގައި " އާރް.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " އާއި އަޅާބަލާއިރު " އާރް.އެސް ލިޔެސް ހޮލިޑޭ ކަޕް " އަކީ ކިޔާލަށް ދުލަށް ތަންކޮޅެއް އުދަގޫ ނަމެކެވެ.
ލަންދޫގެ ތާރީޙްގައި ފުރަތަމަ ފަހަރަށް ސްޕޮންސަރުންގެ ފުރިހަމަ އެހީތެރިކަމާއި އެކު މިއަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގެ ނަމަށް ބަދަލް ގެނެސްފައި މިވަނީ ރޭގައި " ލިޔެސް " ގެ ހިންގާކޮމޭޓީ އިން މި މުބާރާތުގެ ސްޕޮންސަރުންނާއި އެކު ބޭއްވުނު ބައްދަލްވުމަކަށްފަހުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސްޕޮންސަރުންގެ ފަރާތުން މި ބައދަލްވުމުގައި ބައިވެރި ވެލެއްވީ ސްޕޮންސަރެއްގެ ގޮތުން މި މުބާރާތައް އެންމެ ބޮޑު ހަރަދެއް ކުރައްވާ ނ.ލަންދޫ ސާޙް ހަސަން ސައިފް ( ސައިއްޕޭ ) އެވެ.
ލަންދޫ ސޮކަރ.ޓީކޭ - އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ބޭއްވުމާއި ގުޅޭގޮތުން ރޭގައި " ލިޔެސް " އިން ބޭއްވެވި އެޖަމްޢިއްޔާގެ ހިންގާކޮމެޓީގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މުބާރާތުގެ ލޯގޯ ތައްޔާރު ކުރުމަށް ޢާއްމުކޮށް އިޢުލާން ކުރުމަށް ނިންމެވުމާއި އަދި ޓްރާންސްފާރ ޤަވާއިދު ފާސްކުރުމަށް އާއްމު ބައްދަލްވުމެއް ބޭއްވުމަށް ފާސްކުރުން ހިމެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލިޔެސް – ގެ ފަރާތުން " ހޮލިޑޭކަޕް " ގެ ކަންތައްތަކާއި މެދު މަޝްވަރާ ކުރުމަށް ރޭގައި ބޭއްވެވި އެ ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ ބައްދަލްވުމުގައި އެޖަމްއިއްޔާގެ އިސްސަފުގައި ތިއްބެވި ބައެއް މެމްބަރުންނަކީ " ކުރަފި " ތަކެއްގެ ގޮތުގައި އެބޭފުޅުން އަމިއްލައަށް ސިފަ ކުރައްވަން މަސައްކަތް ކުރައްވާފައިވެއެވެ. މި ކަމަށްޓަކައި ނިހާޔަތައް ހިތާމަކޮށް މިކަން މިބްލޮގުގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ.

... އިތުރަށް

ސެމީފައިނަލް ފުރަތަމަ މެޗު ބޮޑު މައްސަލަ ގަނޑަކަށް

ލިޔުނީ: މިހާސް
ރާއްޖޭގައި މިފަހަކަށް އައިސް ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ އެފް.އޭ ކަޕްގެ ފުރަތަމަ ސެމީފައިނަލް މެޗު މެޗުގެ 78 މިނިޓް ކުޅެވިފައިވަނިކޮށް ދިމާވި ކަންތައްތަކަކާއި ގުޅުގެން މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހިއްޖެއެވެ.
މިހާރު ރާއްޖޭގައި އޮތް އެންމެ ވާދަވެރި ދެޓީމްކަމަށް ގިނަބަކު ޤަބޫލްކުރާ ރާއްޖޭގައި އެންމެ ސަޕޯރޓަރުން ގިނަ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ، މިއަހަރު މިހާތަނަށް ރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގެ އެއްވެސް މެޗަކުން ބަލިވެފައިނުވާ ވީބީ ސްޕޯރޓްސް ކުލަބު ރޭ ބައްދަލް ކުރި މިއަހަރުގެ ކޮކާ ކޯލާ އެފް.އޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗު ހުއްޓާލަން ޖެހުނީ ނިއުރޭޑިއަންޓުން ފުރަތަމަ ހާފްގައި ދެލަނޑު ޖަހާފައިވަނިކޮށް މެޗުގެ ފަހުހާފުގައި ނިއުގެ ބަލްގޭރިޔާގެ ޑިފެންޑަރ ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ ޢަލީ އާދިލް އޭނާއަށް ރަތްކާރޑް ދެއްކުމުން ނުއުގެ ކުޅުންތެރިންނާއި ، އޮފިޝަލުން ހޫނުވެ ސަޕޯރޓަރުން ދަނޑަށް އެއްޗެތި އުކަން ފެށުމުންނެވެ.
މި މެޗު ހުއްޓާލިކަން އިޢުލާން ކުރިނަމަވެސް މި މެޗާއި މެދު ކަންތައް ކުރާނެގޮތެއް އަދި މެޗުގެ ނަތީޖާއަކީ ކޮބައިކަމެއް ރާއްޖޭގެ ފުޓްބޯޅައިގެ މައި ޢިދާރާއިން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ޢިދާރާއިން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި އެކަން އިޢުލާން ކުރައްވާނެކަމުގައެވެ.
... އިތުރަށް

ފޮޓޯތައް