الأربعاء، 11 أغسطس 2010

ބަރަކާތްތެރި ރަމަޟާން މަހަށް ބްލޮގް މެދުކަނޑާލުން

އެޑިޓަރ









މަސްދުވަހުގެ މުއްދަތަކަށް މި ބްލޮގްގެ މަސައްކަތް މެދުކަނޑާލި ވާހަކަ ބްލޮގްގެ ފޭނުންގެ މައުލޫމާތަށްޓަކައި، ވަރަށް އުފަލުންހުރެ ދަންނަވަމެވެ. އުފާ މިކުރަނީކީ ތިޔަ މެޙެމާނުންނާއި ކުޑަދުވަސްކޮޅަކަށް ވަކިވާން ޖެހޭކަމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް އަޅުގަނޑާއި، އަދި ތިޔަ މެހެމާނުންނާއި ބައްދަލުކުރަން އައިސްއުޅޭ ޚާއްޞަ "މެހެމާނަކާއި" ބައްދަލުކުރުމުގެ އުފާ ލިބިގަތުމަށް އަވަސްވެގަތުމަށްޓަކައެވެ. ގަލަމުގެ ފުރަތަމަ ދެލިތިއްކާއިއެކު، ރަމަޟާންމަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް މި ބްލޮގްގެ އެންމެހާ ފޭނުންނަށާއި، ދިވެހި އެންމެހާ މުސްލިމުންނަށް އަރިސްކުރަމެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން، މުސްލިމުންގެ މައްޗަށް އެމަހެއްގައި ކާމިޔާބާއި ފަލާޙާއި ފާފަ ފުއްސެވުމާއި ނަރަކައިން ދިންނެވުން ވާ މައްސަރު އަޅުގަނޑުމެންނާއި މިވަނީ ބައްދަލުކޮށްފައެވެ. އަހަރަކު އެއްފަހަރު އަންނަ ޤުރްޢާންގެ މައްސަރު އަޅުގަނޑުމެންނަށް ޒިޔާރަތްކޮށްފިއެވެ. އެމަހެއްގައި އެއްހާސް މައްސަރުގެ ހެޔޮކަން ވާ ރެއެއް ލެއްވިގެންވާ މައްސަރު އަޅުގަނޑުމެންނަށް މަރުޙަބާކިޔައިފިއެވެ. އެމަހެއްގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރުގައި ކޮންމެ މުސްލިމު އަޚަކާއި އުޚްތަކުވެސް ހެޔޮކަމުގެ ތަށިން ވީހާ ގިނައެއްކޮށް ހިތްޕެވުމަށް މަސައްކަތްކުރުމަށް ވަޞީއަތްކުރަމެވެ. އެމަހެއްގައި ޝައިތާނުން ހައްޔަރުކުރެވި ހުރަގެއަށް ލެވޭ މައްސަރުގައި ފާފަތަކާއި އުރެދުންތަކުން ދުރުވެގަތުމަށް ވީހާ ބޮޑަކަށް ފަރުވާތެރިވުމަށް އިލްތިމާސްކުރަމެވެ. އަދި ރަމަޟާން މަހަކީ ކެއުމާއި ކުޅިވަރުގެ މައްސަރު ކަމުގައި ނުބައްލަވައި، ﷲގެ ރަޙްމަތުގެ ޚާއްޞަ ޖާފަތުން ވީހާ ގިނައެއްކޮށް "ހެޔޮޢަމަލުން ފަރީއްކުޅުއްވުމަށް" ހީވާގިވެ، އަޅުކަމުގައި ތަންކޮޅެއް މުރާލިވުމަށްވެސް ވަޞީއަތްކުރަމެވެ.
އަޅުގަނޑުމެންގެ މުނިފޫހި ފިލުވުމާއި ހޭވައްލާވުމުގައި މުޅި އަހަރުދުވަސް ހޭދަކޮށްފީމުއެވެ. ޣާފިލް އިންސާނާ މުޅި މަސްދުވަސް ހެޔޮގޮތުގައި އުޅުމަށް ޢަޒުމު ކަނޑައަޅައިފިނަމަ، ހެޔޮގޮތުގައި ހޭދަވަނީ ކިހާ މަދުމިންވަރެއްކަން އަޅުގަނޑުމެން އެންމެން ދަންނަމުއެވެ. އެހެންކަމުން އަހަރެއްގެ ތެރޭގައި އަންނަ އެންމެ މައްސަރެއް ﷲ އަށްޓަކައި، އަޅުގަނޑުމެންގެ އާޚިރަތަށްޓަކައި، ހިބަކޮށްލުމަށް ގަސްދުކޮށް، ހެޔޮކަމުގައި ކޮންމެސް ވަރެއްގެ ކާމިޔާބެއް ހޯދުން އެދެވިގެންވެއެވެ. ކޮންމެ މުސްލިމަކުވެސް ވީހާ ގިނައެއްކޮށް ވަގުތު ޚާއްޞަކޮށްގެން އަޅުކަންތައް އިތުރުކޮށްލުމަށް މަސައްކަތްކުރުން މޮޅު އިތުރުވެގެންވެއެވެ. ﷲ އިރާދަކުރެއްވިއްޔާ މިބަރަކާތްތެރި މައްސަރުގައި ގިނަ ހެޔޮޢަމަލުތަކެއްކޮށް، އަދި އެހެން މަސްތަކުގައިވެސް ހެޔޮޢަމަލުކުރުންމަތީ ދެމިތިބޭ ބަޔަކުކަމުގައި އަޅަމެން ވާހުށީމުއެވެ. އަދި ހެޔޮކަމުގެ މޫސުމަށްފަހު، ހެޔޮ ޢަމަލުތަކުން ބުރަހެލިވެފައިވާ ތިޔަ އަޚުންނާއި އުޚްތުންނާއިގެން ކުޑަޢީދުގައި ބައްދަލުކޮށްލުމުގެ އުންމީދުގައި ވަކިވެލަމެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިމާތް މައްސަރުގެ ބަރަކާތާއި ފަލާޙް ދެއްވާށިއެވެ. އާމީން.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް