އާރު.އެލް.ބީ ލިޔެސް ހޮލިޑޭކަޕް – ފުޓްބޯޅަ މުބާރާތުގެ ޤަވާޢިދު ކޮމެޓީގެ ފުރަތަމަ ބައްދަލްވުން
ލިޔުނީ: މިހާސް
ލަންދޫގައި ފުރަތަމަ ފަހަރަށް އަމިއްލަފަރާތްތަކަކުން ބޮޑު ސްޕޮންސާރއެއް ކޮށްގެން ލަންދޫގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " އިން ރާވާ އިންތިޒާމްކޮށް ބޭއްވޭ ފުޓްބޯޅަ މުބާރާތްކަމުގައިވާ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް " ގެ ޤަވާޢިދު ކޮމެޓީގެ ބައްދަލްވުމެއް ރޭ ބޭވިއްޖެއެވެ.
މިކޮމެޓީގެ ފުރަތަމަ ބައްދަލްވުމުގައި އޮތީ ވޭތުވެދިޔަ އަހަރުތަކުގެ މުބާރާތްތަކުގައި އެންމެބޮޑު މައްސަލަތަކެއް ދިމާވި " ކުޅުންތެރިން އެއްޓީމް އަނެއްޓީމަށް ބަދަލްވުމުގެ ޤަވާޢިދު " އިސްލާހް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. ރޭގެ ބައްދަލްވުމުގައި ވަނީ މި ޤަވާޢިދުގެ ދެލިކޮޕީއެއް އެކުލަވާލެވިފައެވެ.
އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް " ގެ ޤަވާޢިދު އަލުން އެކުލަވާލުމަށް ބޭއްވުނު މިބައްދަލްވުން ފެށުމުގެ ގޮތުން " ލިޔެސް " ޖަމްޢިއްޔާގެ އެއްނައިބް ރައީސް އަދި ޤަވާޢިދު އެކުލަވަލުމަށް އެކަަށަ އަޅާލެވުނު ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ސަލީމް ޙުސެއިން ( މެއްޑޯ ) ފާހަގަ ކުރެއްވި ގޮތުގައި މި މުބަރާތަކީ ސްޕޮންސަރުންގެ އެހީތެރި ކަމާއި އެކު ބޭއްވޭ މުބާރާތަކަށް ވާތީ މުބާރާތުގެ ސްޕޮންސަރުން އެދޭފެންވަރަށް އެފަރާތްތަކުން އެދޭކަންތައްތައް ކޮށްދީގެން ކުރިއަށް ގެންދިއުމަށް ވިސްނަމުން ދާކަމުގައެވެ.
މެއްޑޯގެ މިބަހަށް އަޅުގަނޑުވަރަށް ތާޢީދު ކުރަމެވެ. އެހެނީ ރަށުގައި މިފަދަ މުބާރާތެއް ބޭއްވުމަށް ގާތްގަޑަކަށް ވިއްސަކަށް ހާސް ރުފިޔާ ސްޕޮންސަރުން ޚަރަދު ކުރުމަކީ ކުޑަކަމެއް ނޫނެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މި މުބަރާތް ބާއްވައިގެން ސްޕޮންސަރުންނަށް ލިބޭނެ މާ ބޮޑު އެއްޗެތިތަކެއް އަދި ފައިދާއެއް ނޯންނާނެއެވެ. މިހެންކަމާއި އެކު ރަށުގެ ފުޓްބޯޅައަށް އަދި " ލިޔެސް " އަށް މި ސްޕޮންސަރުން އެކޮށްދެއްވާ ޚިދުމަތުގެ އަގު ޢަމަލީގޮތުން ދައްކައިދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.
މިފަހަރުގެ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް " އަކީ ބޮޑަތި ބަދަލަކާއި އެކު ފެނިގެންދާނެ މުބާރާތަކަށް ހެދުމަށް ދަނޑުގެ ވަށާފާރު ރޭނުމާއި ، ފެންވަރު ރަނގަޅު ބެންޗެއް ހެދުމާއި އިސްތިހާރު ބޯޑު ހިއްޕުން ފަދަ ކަންތައްތައް ކުރުމަށް ޚިޔާލްކުރެވިފައި ވުމީ ރަނގަޅު ފާލެއް ކަމަށް އަޅުގަނޑު ޤަބޫލް ކުރަމެވެ.
މިކަންތައްތަކަކީ ބޮޑަތި ކަންތައްތަކަކަށްވާހިދު ރާއްޖެގައި ނަގާކިޔާ ޕާރޓީ ތަކާއި، އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރާއި އަދި ރަށުގެ މުޅިރައްޔިތުންގެ މަދަދާއި އެހީތެރިކަމަށް އެދުމަކީ ލަދުވެތިކަމަކަށް ނުވާނެކަމަށް އަޅުގަނޑު ޤަބޫލްކުރަމެވެ.
މިފަހަރުގެ މި މުބާރާތް ރޭވިފައިވާ ދުވަސްވަރަކީ މިފަދަކަމަކަށް ވަރަށް އެކަށޭނަ ރަނގަޅު ދުވަސްވަރެއްކަމީ އަޅުގަނޑުމެންގެ ނަސީބެވެ.
މިފަހަރުގެ " އާރު.އެލް.ބީ ލިޔެސް ހޮލިޑޭ ކަޕް " ގެ ޤަވާޢިދު އެކަށައަޅާލެވޭ އިރު މި މުބާރާތައް ޚާއްޞަ ކުރެވިގެން ލޯގޯއެއް ފަރުމާ ކުރެވިފަ އިނުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ