ތުއްތު ކުދިންގެ ހުނަރު އިތުރު ކުރާނީ ކިިނެތްބާ !!؟
ލިޔުނީ : މިހާސް
މިއަދު އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ އަޅުގަނޑުމެންގެ ރަށުގައި ތިބި ފުޓްބޯޅައިގެ ހުނަރު ހުރި ތުއްތު ކުދިންގެ ފުޓްބޯޅައިގެ ހުނަރު އެތައް ތަނެއް އިތުރުކޮށް ތަރައްޤީ ކުރަން ޖެހެއެވެ.
ދުނިޔޭގެ ފެންވަރުގައިވެސް ޤައުމީ ފެންވަރުގައިވެސް ، އަތޮޅު ފެންވަރުގައިވެސް އަދި ރަށު ފެންވަރުގައިވެސް މޮޅުކުޅުން ތެރިންތަކެއް އުފެދިގެންދަނީ އެތަނެއްގައި ތިބޭ ތުއްތު ކުދިންނަށް ދެވޭ ސަމާލްކަމެއްގެ މައްޗަށެވެ.
މިއަދުވެސް ރަށުގައި ނަގާކިޔަން ތިބި ގިނަ ފުޓްބޯޅަ ކުޅުންތެރިންނަކީ ކޮންމެވެސް ސިފައެއްގައި ބަޔަކު މީހުން ކުރި މަސައްކަތެއްގެ ސަބަބުން އުފެދިގެން އައިސްފައިވާ ކުޅުންތެރިން ތަކެކެވެ.
މިއަދު އަޅުގަނޑުމެންގެ ރަށުފަސްގަޑުގައި ކުޅެ 4 ލަނޑު ޖަހާ މޮޅުވެގެންދާއިރު އެފަދަ ޓީމްތައް މިހިސާބަށް ދިޔަގޮތާއި މެދުވެސް އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. އެފަދަ ރަށްރަށުން މިއަދު އަތޮޅުގެ މަތީ ހަރުފަތައް އަރަމުން އެދަނީ އެފަދަ ރަށްރަށުން ފުޓްބޯޅަ ދިރުވުމަށް ޓަކައި އަދި ކުރި އެރުވުމަށްޓަކައި ކުރި އަދި ކުރަމުން ގެންދާ ބުރަ މަސައްކަތްތަކެއްގެ ސަބަބުންނެވެ.
މިފަހަރުގެ ފީފާ ވޯލްޑްކަޕްގެ ތަޖުރިބާއަށް ބަލާލި ނަމަވެސް އަޅުގަނޑުމެންގެ ފަސްގަޑުގައި ތިބި ފުޓްބޯޅައިގެ ހުނަރުވެރި ތުއްތު ކުދިންގެ ހުނަރުއިތުރަށް ކުރިއަރުވަން މަސައްކަތް ކުރުމަކީ ވަރަށް މުޙިއްމު ކަމެއްކަން އެގި ފާޅުވެއްޖެެއެވެ.
މަޝްޙޫރު އިގިރޭސި ވިލާތް ފީފާ ވޯލްޑަކަޕްގެ ފުރަތަމަ ބުރުން ކަޓައިގެން ދިޔައިރު އިގިރޭސިވިލާތުގެ ލީގުގައި ނަގާކިޔަމުން ގެންދާ އެންމެ މޮޅަތި ކުޅުންތެރިންނަކީ ޤައުމުން ބޭރުގެ ކުޅުންތެރިންނެވެ. ނަމަވެސް މުބާރާތުގެ 3 ވަނަ ހޯދި ޖަރުމަނާއި ޗެމްޕިއަންކަން ހޯދި ސްޕޭންގެ ގިނަ ކުޅުންތެރިންނަކީ އެމީހުންގެ އަމިއްލަ ޤައުމުތަކުގެ ލީގުގައި ކުޅެމުންގެންދާ މުޙިއްމު ކުޅުންތެރިންނެވެ.
އަޅުގަނޑުމެން ރަށުޓީމެއް ( ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ " ލިޔެސް " ) އެންމެފަހުން ބޭއްވުނު އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރު ޓީމްގެ ފުލް އެގާރައިގައި ކުޅުނު ކުޅުންތެރިންގެ ތެރޭގައި ރަށުންބޭރުގެ ކުޅުންތެރިން ވަރަށް ގިނައެވެ. މިއީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނަން ވެއްޖެ ކަމެކެވެ.
އަޅުގަނޑުމެންގެ ރަށުގައި ތިބި ފުޓްބޯޅައަށް ޝައުޤުވެރިވާ ތުއްތު ކުދިންގެ ފުޓްބޯޅައިގެ ހުނަރު އިތުރު ކުރުވާ އެކުދިން މޮޅަތި ކުޅުންތެރިންނަށް ހެދޭނެ ގޮތަކީ ކޮބައިތޯ ބަލާ ރަށުގެ ފުޓްބޯޅައިގެ މުސްތަޤްބަލަށްޓަކައި މިކަންތައް ކުރެވޭތޯ އަޅުގަނޑުމެން އެންމެން ބަލަން ވެއްޖެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ