މިހަފްތާގެ މެޗު ކުޑަފުނަފަރަށް
ލިޔުނީ : މިހާސް
މިހާރު ރަށުގައި ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގެ މެޗުގެ ގޮތުގައި މިއަދު ކުޅެވުނު މެޗުން 3 ލަނޑު 1 ލަނޑުން ކުޑަފުނަފަރު ޓީމް މޮޅުވެއްޖެއެވެ.
ލަންދޫ ޔޫތް އެންކަރޭޖިން ސޮސައިޓީ " ލިޔެސް " ގެ ނަމުގައި މިއަދު ރަށުން ނުކުތް ޓީމްގައި މުޙިއްމު 3 ކުޅުންތެރިން ނުހިމެނޭކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން ރޯގާޖެހިފައި ހުރުމުގެ ސަބަބުން ނުކުޅެވުނު މިހާރު އެންމެ މަޝްހޫރުކަން ހޯދަމުން އަންނަ ހުސެން ޖަވާދު ( ޖަވާ ) އާއި ޢާއިލާގެ ކުއްޖަކު ބަލިވެގެން މިވަގުތު މަނަދޫގައި ހުރި ޓީމްގެ އަސްލު ކެޕްޓަން ހަސަން މާހިރު ( މާޓިން ) އާއި ޓިމްގެ ފަހަތް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހަސަން ސައިފް ( ސައިއްޕޭ ) ފާހަގަ ކޮށްލެވެއެވެ.
ލަންދޫގެ މަޝްހޫރު ރެފްރީ އަޙްމަދު މުޙައްމަދު ( ޕަޓޭ ) ގެ ރެފްރީކަމުން ކުޅެވުނު މި މެޗުގައި ދެޓީމުން ކުރެ އެއްޓީމަކަށްވެސް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ލަންދޫ ޓީމްގެ ތަޖުރިބާ ކާރު ކުޅުންތެރިޔާ އަޙްމަދު އިނާޒް ( އަޕީ ) ގެ ފައި ފަލަމަސް ގަޑަށް ތަދުވުމުގެ ސަބަބުން ކުޅުމާއި ދުރަން ދާންޖެހުންވީވެސް މިއަދު ލަންދޫ ތަމްސީލްކުރި " ލިޔެސް " ޓީމަށް ލިބިގެން ދިޔަ އިތުރު ނުތަނަވަސް ކަމަކަށެވެ.
މި މެޗުގައި ކުޑަފުނަފަރުގެ ފުރަތަމަ ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ 30 ވަނަ މިނިޓްގައި އެޓީމްގެ ޖޯޒީ ނަމްބަރ 7 އެވެ. މި ކުޅުންތެރިޔަކީ މިދިޔަ އަހަރު މާޅެންދޫގައި ބޭއްވުނު " އެސްއެސްޖީ ކަޕް " ފައިނަލްގައިވެސް ލަންދޫ ތަމްސީލްކުރި " ލިޔެސް " ގެ ޒުވާން ޓީމާއި ދެކޮޅަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުން ތެރިޔާއެވެ.
ކެނދިކޮޅު ، މާޅެންދޫ އަދި ކުޑަފަރީގައި ތިބި މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ ކުޑަފުނަފަރު ޓީމް ކޮޅަށް ލަންދޫ " ލިޔެސް " ޓީމުން ޖެހި ހަމަ އެކަނި ލަނޑު ފަހު ހާފުގެ 3 ވަނަ މިނެޓްގައި ޖަހައިދިނީ މި މެޗުގައި ރަނގަޅު ކުޅުމެއްދެއްކި ހުސްނީ ޢުމަރު ( ތަންބި ) އެވެ.
ދަނޑުގެ ދެކުނު ކޮޅުގެ ލައިން ބެލެހެއްޓި ލައިސްމަން ޢަބުދުލް މުޙައިމިނު ޢުމަރު ( މޯހަން ) އަށް ތަފާތު ފާޑުކިޔުންތައް އަމާޒްވެގެންދިޔަ މި މެޗުގައި ކުޑަފުނަފަރު ޓީމުގެ ދެވަނަ ލަނޑުވެސް ދެވަނަ ހާފުގެ 34 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ޖާރޒީ ނަމްބަރ 7 އެވެ.
ލަންދޫ ޓީމްގެ ސޮކޮޑުގައި ހިމެނުނު ހަސަން ޒަރީރު ( މޫތަޒް ) ފިޔަވާ ހުރިހާކުޅުންތެރިންނަށް ފުރުޞަތު ދެވުނު މި މިޗުގައި ކުޑަފުނަފަރު ޓީމުން ޖެހި އެންމެފަހު ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 42 ވަނަ މިނިޓްގައި ކެނދިކޮޅު ޞައްފަތުގެ ކޮއްކޮ މޯޑް އެވެ.
ސިލްސިލާ މެޗުތަކުގެ ތެރެއިން މިއަދުގެ މެޗުފިޔަވާ އެހެން ހުރިހާ މެޗެއްގައި ކުޅެފައިވާ އިތުބާރު ފޯވާރޑް ޖަވާ ނެތްތައް މިއަދުގެމެޗުގައި ރަށުޓީމަށް ވަރަށް ބޮޑަށް ދައްކާފައެވެ.
މިއަދުގެ މެޗުން ރަށުޓީމް ބަލިވިނަމަވެސް ރަށުޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ ތެރޭގައި ޔޫއްޓެ އަށް ލިބުނު ފުރުޞަތާއި އިރުޝާދު އަށް ލިބުނު ފުރުޞަތު ތަކާއި އަކުރަމް އަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.
މިއަދުގެ މެޗުގެ މޭންއޮފްދަ މެޗަށް " ލަންދޫ ސޮކަރ . ޓީކޭ " އިން ހުށައެޅި ސެޓްފިކެޓް ލިބުނީ މި މެޗުގައި ލަންދޫ " ލިޔެސް " ގެޓީމުން އެންމެ ރަނގަޅަށް ކުޅުނު ހުސްނީ ޢުމަރު ( ތަންބި ) އަށެވެ.
މިއަދުގެ މޫސުން ގޯސްވެ، ވިއްސާރަވެ ކަނޑު ގަދަވި ނަމަވެސް ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިން ދެއްވި ދަޢުވަތު ޤަބޫލްކޮށް ކުޑަފުނަފަރުގެ ޓީމް މިއަދު ލަންދޫ އަށް އައިސް މެޗު ފުރިހަމަ ކޮށްފައިވާކަން ވަރަށް ޝްކުރުވެރި ކަމާއި އެކު ފާހަގަ ކޮށްލަން ޖެހެއެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ