الأربعاء، 7 أبريل 2010

ފުޓްބޯޅައިގެ އެންމެ މަޝްޙޫރު ޢާއިލާ

ލިޔުނީ : މިހާސް
ލަންދޫގައި މިހާތަނަށް އުފެދުނު ފުޓްބޯޅައިގެ އެންމެ ވަރުގަދަ އާއިލާއަކީ ނ.ލަންދޫ ވިނަރެސް އަލްފާޟިލާ އިޙްސާނާ ޢުމަރާއި އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުއްރަޙްމާންގެ ކައިވެނީގެ ގުޅުމުން އުފެދިގެން ދިޔަ ޢާއިލާކަން ޔަޤީނެވެ.
ޢާއިލާގެ އިސްވެރިޔާކަމުގައިވާ އަބުދުއްރަޙީމް ޢަބުދުއްރަޙްމާން ( ބޮޑު އަންދަރޭ ) އަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރުގައި ރަށުގައި ހުރި އެންމެ މޮޅު އެއްޑިފެންޑަރެވެ. ޑިފެންސަށް ކުޅެމުން ބޯޅަހިފައިގެން ކުރިއަރާ ލަނޑުޖެހުމަކީ އޭނާއަށް ނުހަނު ފަސޭހަ ކަމެކެވެ.
އަބުދުއްރަޙީމް ޢަބުދުއްރަޙްމާން އާއި އިޙްސާނަ ޢުމުރަށް ލިބިފައިވާ 6 ދަރިންގެ ތެރެއިން ފިރިހެން 5 ކުދިންނަކީ ފުޓްބޯޅައަށް ނުހަނު ޝައުޤުހުންނަ ކުދިންނަށް ވުމުގެ އަސްލަކީ މިކުދިންގެ ބައްޕަގެ ފަރާތުން ފުޓްބޯޅައަށް ލިބިގެންދިޔަ ޝައުގުވެރި ކަމެވެ.
މިދެމަފިރިންނަށް ލިބުނު އެންމެ ދޮށީ ފިރިހެން ދަރިފުޅު ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) ވެގެން ގޮސްފައިވަނީ ގިނަބަޔަކު ޤަބޫލްކުރާ ގޮތުންނަމަ ރަށުގައި މިހާތަނަށް އުފެދުނު އެންމެމޮޅު ހުނަރުވެރި ކުޅުންތެރިޔާ ކަމުގައެވެ. ހަމައެހެންމެ ޔޫއްޓޭ ފާހަގަ ކުރެވިގެން ގޮސްފައިވަނީ އަތޮޅުފެންވަރުގައްޔާއި ،ޒޯން ފެންވަރުގައިވެސް ނަން މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިޢާއިލާގެ ފިރިހެން ދެވަނަ މެމްބަރ އަޙްމަދު ރަޝީދު ( ލައިބު ) ފަހަގަ ކުރެވިފައިވަނީ މީނާގެ ބޭބެ ޔޫއްޓޭއަށް ދޫނުކުރާވަރުގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ގިނަބަޔަކު ޤަބޫލް ކުރާގޮތުގައި ޔޫއްޓޭގެ ކިބަގައި ހުރިކަމެއް ލައިބު ގައިގައި ނެތްކަމަށް ފާހަގަ ކުރެވެނީ ހަމައެކަނި ބާރަށް ބޯޅައިގައި ޖެހުމުގެ ހުނަރެވެ. ޔޫއްޓޭ އާއި ޚިލާފަށް ގިނަބަޔަކު ލައިބު ފާހަގަ ކުރަނީ ރީތި ހިތްގައިމު ކުރު ކޮށްޓުންތަކަށް ޙާއްޞަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިޢާއިލާގެ ފިރިހެން ތިންވަނަ މެމްބަރ ނަޢުޝާދު ޢަބުދުއްރަޙީމް ( ނާގޭ ) ފާހަގަ ކުރެވިފައިވަނީ މިވަގުތު ލަންދޫގައި ހުރި އެންމެމޮޅު ފުތްބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ. ލަންދޫގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހިންގޭ ހަމައެކަނި ވެބްސައިޓްކަމުގައިވާ " ލަންދޫ އިންފޯ " އިން ފުރަތަމަ ފަހަރަށް ހޮވި އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވިފައިވަނީ ނާގޭ އެވެ. ނާގޭ ގެ ދެބޭބޭއިންނާއި ޚިލާފަށް ފުޓްބޯޅައިގެ ހުރިހާ ހުނަރެއް ނާގޭއަށް ލިބިފައިވާއިރު ގުދުރަތުން ނާގޭއަށް ދިގުފައެއް ލިބިފައިވުމީ ނާގޭއަށް ފުޓްބޯޅައިން ކުރިއަށް ދިއުމަށް ލިބިފައިވާ ވަރަށްބޮޑު އެޑްވާންޓޭޖެކެވެ.
ރަށުގެ ފުޓްބޯޅައިގެ މިއާއިލަގެ ފިރިހެން 4 ވަނަ މެމްބަރ ޢަބުދުﷲ ނާޝިދު ( ނާއްޕެ ) ގިނަބަޔަކު ހީކުރީ މީނާގެ ބޭބެމެން ފަދައިން ފުޓްބޯޅަ ދަނޑުން ފެނިގެން ނުދާނެކަމަށެވެ. ނަމަވެސް މީނާގެ ބައްޕަ ކުޅުނު މަޤަމަށް ކުޅެމުންދާ ނާއްޕެ މިއަދު ފާހަގަ ކުރެވެނީ އެންމެ އަވަސް ސްޕީޑްގައި ކުރިއެރުން ހޯދަމުން އަންނަ އެއް ކުޅުންތެރިޔާ ކަމުގައެވެ. ނާއްޕެ މިހާރު މަސައްކަތް ކުރާގޮތައް މަސައްކަތް ކުރާނަމަ ބޭބެމެންނާއި ހިސާބަށް ދިއުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ.
ފުޓްބޯޅައިގެ މި ޢާއިލާގައި ތިބި 5 ފިރިހެން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ ކަމުގައިވާ އިހްސާން ޢަބުދުއްރަޙީމް ( އިހޫ ) އަކީ ގްރޭޑް 5 ގައި ކިޔަވަމުން ދިޔަނަމަވެސް ފުޓްބޯޅައަށް ސައުޤްހުރި ބޭބެމެން ފަދައިން ފުޓްބޯޅަ ކުޅޭހިތްވާ ކުއްޖެއްކަން ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ ބުބާރާތައް މިއަހަރު އަރައިގެން ވަނީ ސާބިތު ކޮށްދީފައެވެ.
މިޢާއިލާއަކީ ފުޓްބޯޅައިގެ ޢާއިލައެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރާއެންމެ މުޙިއްމު ސަބަބަކީ މިޢާއިލާގެ މެމްބަރަކު މެޗެއް ކުޅޭކަމަށްވާނަމަ އެކުދިންނަށް ހިތްވަރައި ސާބަސް ދިނުމަށް މި ކުދިންގެ މަންމަ އާއި ބައްޕަ ދަނޑުދޮށަށް ދާތީއެވެ. އަދި ހަމަ އެހެންމެ ފުޓްބޯޅައިން ކުރިއަށް ދިއުމަށް ޢާއިލާގެ އިސްވެރިންގެ ހައިސިއްޔަތުން މަންމައާއި ބައްޕަ ހިތްވަރު ދޭތީއެވެ. އަދި ހަމަ އެހެންމެ މިއާއިލާގައި ހުރި ހަމަ އެކަނި އަންހެން ކުއްޖާގެ ފަރާތުން ޢާއިލާގެ މެމްބަރުން ކުޅެމުންދާއިރު ހިތްވަރާއި ސަޕޯޓް ލިބެމުން ދާތީއެވެ.
އަޅުގަނޑަށް ވިސްނުނުގޮތުގައި މިޢާއިލާއަކީ ފުޓްބޯޅައިގެ ޢާއިލައަކަށް ވުމުގެ އަސްލަކީ މިކުދިންގެ މައިންބަފައިން ފުޓްބޯޅައަށް ހުރި ޝައުޤުވެރިކަމާއި ލޯތް ބެއްގެ ބޮޑުކަމެވެ.
ޚަޤީގަތުގައިވެސް މިއީ ލަންދޫގެ ފުޓްބޯޅައިގެ ޢާއިލާއެވެ. އަޅުގަނދުގެ އެދުމަކީ މިޢާއިލާގެ ފުޓްބޯޅައިގެ އެވޯޑް ހަރުގަނޑަށް އިތުރު އެވޯޑްތައް އިތުރުވެގެން ދިޔުމެވެ. ފުޓްބޯޅައިން އިތުރާއި ކާމިޔަބު ލިބިގެން ދިއުމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް