ލަންދޫ އިން ފަހަތުން އަރާ މާޅެންދޫ ލަނދު ގަންނުވާލައިފި
ލިޔުނީ : މިހާސް
ޒަމާނުން ސުރެ ހުރިހާ ގޮތަކުން ލަންދޫ އާއި އެންމެ ވާދަވެރި މާޅެންދޫ ޓީމުން ލަންދޫކޮޅަށް ދެލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ 4 ލަނޑު ޖަހައިގެން ވާދަވެރި މާޅެންދޫ ލަނދު ގަންނުވާލައިފިއެވެ.
މިހާރު ލަންދޫގައި ފެށިގެން ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިއަދު މާޅެންދޫ އާއި ބައްދަލް ކުރި މެޗުގެ ފަހުހާފުގައި " ލިޔެސް " ގެ ނަމުގައި ނިކުތް ލަންދޫޓީމުންވަނީ ވަރަށް މޮޅު ހުނަރުވެރި ކުޅުމެއްދައްކާފައެވެ.
މި ސިލްސިލާގެ އެންމެ ގިނަމެޗުތަކުގައި ރެފްރީކަން ކޮށްދެއްވަމުން އަންނަ ލަންދޫގެ މަޝްހޫރު ރެފްރީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟލް އަޙްމަދު މުޙައްމަދު ( ޕަޓޭ ) ގެ ރެފްރީ ކަމުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި " ލިޔެސް " ގެ ޓީމުން ފެނިގެން ގޮސްފައިވަނީ ވަރަށް ވަނދު ކުޅުމެކެވެ. މިކަމުގެ ފައިދާ ނަގާ މި މެޗުގައި މޮޅުކުޅުމެއްދެއްކި މާޅެންދޫ ޓީމުން މެޗުގެ 5 ވަނަ މިނިޓް ގައާއި މެޗުގެ 23 ވަނަ މިނިޓްގައި ދެ ލަނޑުޖަހާ ލަންދޫއިން ނިކުތް " ލިޔެސް " ޓީމަށް ކުއްލި ސިހުމެއް ގެނުވިއެވެ
.
މާޅެންދޫ ޓީމުން ލަންދޫގޯލަށް ވައްދާލި މި ދެގޯލްގައި މި މެޗުގައި ލަންދޫ ގޯލް ބެލެހެއްޓި މުޙައްމަދު ވަސީމް ( ވައްސޭ ) ގެ މިސްޓޭކް ވަރަށް ބޮޑުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ލަންދޫ ތަމްސީލްކުރި " ލިޔެސް " ޓީމުން މިހާފުގައި ހަމަލާއަކަށް ވާކަހަލަ ހަމަލާއެއް ފޮނުވާލެވުނީ ހަމަ އެކަނި އަޙްމަދު އިނާޒް ( އަޕީ ) އަށެވެ. އަޕީގެ މި ބާރު ހަމަލައިގެ ހުރަހަކަށްވީ ހުރަސް ދަނޑިއެވެ. މިހާފްގައި ލަންދޫޓީމަށް ގޯލްޖަހާނެ މުޅިން ހުސްފުރުޞަތެއް މުޙައްމަދު އިރުޝާދު ( ރެޑޭ ) އަށް ލިބި ބޭކާރުވެގެން ގޮސްފައި ވެއެވެ.
" ލިޔެސް " ގެ ނަމުގައި ނިކުތް ލަންދޫ ޓީމުން މިމެޗުގެ ފުރަތަމަ ހާފުގައިވަނީ އެޓީމްގެ ފުރަތަމަ ބަދަލް ފުރަތަމަ ހާފުގައި ކޮށްފައެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) ގެ ބަދަލްގައި މެޗުފެށިއިރު ބެންޗުގައި އިން އަޙްމަދު ރަޝީު ( ލައިބް ) ކުޅެން ނެރުނެވެ. ލައިބުނުކުތުމާއި އެކު ޓީމްކުޅުނު ފޯމޭޝަނަށް ބޮޑު ބަދެލެއް އައިތަން ފެނިގެން ދިޔައެވެ. އަރިމައްޗަށް ކުޅުނު ހުސެން ޖަވާދު ( ޖަވާ ) މެދު ތެރެއަށްވަދެ އަޕީ ބޮޑަށް ކުރިއަށް ޖެހިލިތައް ފެނިގެން ދިޔައެވެ. ލަންދޫއިން ގެނައި މިބަދަލާއި އެކުވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2 ލަނޑު 0 ލަނޑުން ވާދަވެރި މާޅެންދޫ ކުރީގައި އޮވެގެންނެވެ
.
ލަންދޫގެ " ލިޔެސް " އިން ދެވަނަ ހާފު ފެށީ ދެބަދަލަކާއި އެކުގައެވެ. މިގޮތުން ކައްޕި ހަސަން މާހިރު ( މާޓިންގ ) ގެ ބަދަލްގައި ހަސަން ސައިފް ( ސައިއްޕޭ ) އަދި ޝަކީބް އިބުރާޙިމް ( ކެޕްޓަން ޒަކަރިއްޔާ މަންސޫރު ) ގެ ބަދަލްގައި ޒަހީނު ހަސަން ( ޒަންޑަ ) ކުޅެން ނިކުތެވެ. މިހާފުގައި ހަސަން މާހިރު ( މާޓިންގ ) ގެ ބަދަލްގައި ކެޕްޓަން ބޭންޑް އަޅައިގެން ނިކުތީ މިސިލް ސިލާގެ ހުރިހާ މެޗެއްގައިވެސް އެއް ފެންވަރަކަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އަޕީ ނެގިކޯނަރެއް ޔޫއްޓޭ ގޯލަށް ޖެހުމުން ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަންނަށް ދަނިކޮށް ބޮލުންޖަހާ ޒަންޑަ ފުރަތަމަ ގޯލް ރަށުޓީމަށް ކަމިޔާބު ކޮށްދިނެވެ. މިލަނޑާއި އެކު ލަންދޫ ސަޕޯރޓަރުންގެ އަޑުގަދަވެ ، ލަންދޫ ޓީމްގެ ކުޅުން ރަނގަޅުވެ ، ހަލުވި ވެގެން ދިޔަތައް ފެނިގެން ދިޔައެވެ. ނަތީޖައަކަށް ވެގެންދިޔައީ ޔޫއްޓޭ ވަރަށް ބާރަށް ނެގި ކޯނަރެއް ބޮލުން ގޯލަށް ޖަހަން އަރާތިބި ކުޅުންތެރިންގެ ފަހަތައް ތިރިވުމުން އެބޯޅަ ބާރު އުއްޑައެއް ފަދައިން ހިތްގައިމު ގޮތަކަށް ގޯލަށް ފޮނުވަލައިގެން މެޗުގެ ފަހުހާފުގެ 18 ވަނަ މިނިޓްގައި މުޙައްމަދު އިރުޝާދު ( ރެޑޭ ) ލަންދޫ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.
ރެޑޭގެ މިލަނޑަށްފަހުވެސް މޮޅަށް ކުޅެ ގިނައިރު ބޯޅަ ގެންގުޅެފައިވަނީ ލަންދޫގެ " ލިޔެސް " ގެޓީމުންނެވެ. މި މެޗުގައި ލަންދޫޓީމަށް ފުރަތަމަ ކުރިހޯދައި ދިނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޒަންޑައެވެ. ޒަންޑަގެ މިގޯލަކީ އޭނާ ނެގި ކޯނަރެއް މާޅެންދޫ ކީޕަރ ސާފުކޮށްލަން އުޅެކޮށް ގޮސް ގޯލްގެ ތެރެއަށް ވަތް ގޯލެކެވެ. މިއީ މި މެޗުގައި ޒަންޑަ ޖެހި ދެވަނަ ގޯލްވެސް މެއެވެ.
ފުރަތަމަ ހާފާއި ޚިލާފަށް މިހާފުގައި މާޅެންދޫ ޓީމް ފެނިގެން ދިޔައީ އެއްވެސް ގުޅުމެއްނެތް ވަރުބަލިވެފައި ތިބި ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއްގެ ގޮތުގައެވެ. މިހާފުގައި ލަންދޫ ޓިމުން އެންމެފަހު ބަދަލެއްގެ ގޮތުގައި ރެޑޭ ބޭލުމަށްފަހު ތަޖުރިބާކާރު ކުޅުންތެރިޔާ ޢަބުދުﷲ ޝިޔާމް ( ސީޓެ ) ކުޅެން ނެރުނެވެ.
ލަންދޫޓީމުން މިމެޗުގައި ޖެހި އެންމެފަހުލަނޑު ލަންދޫއިން ނިކުތް " ލިޔެސް " ގެ ޓީމަށް ޖަހައި ދީފައިވަނީ " ލަންދޫ ސޮކަރ .ޓީކޭ " ގެ ދުވަހުގެ މޭން އޮފްދަ މެޗު ހޯދި ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙިމް ( ޔޫއްޓޭ ) އެވެ. ޔޫއްޓެ މިލަނޑުޖަހަފައިވަނީ މާލެންދޫ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެ ވަރަށް ބާރަށް ހިތްގައިމު ގޮތަކަށް ގޯލާ ދިމާލަށް ފޮނުވަލައިގެންނެވެ
މިއަދު 4 ލަނޑު 2 ލަނޑުގެ ތަފާތަކުން ލަންދޫގެ " ލިޔެސް " ޓީމް މޮޅުވި މިމެޗަކީ މިހާތަނަށް މިސިލްސިލާގައި ކުޅެވުނު މެޗުތަކުގެ ތެރެއިން އެންމެގިނަ ސަޕޯޓަރުން މެޗުބެލުމަށް ހާޒިރުވި މެޗެވެ. މިއަދުގެ މެޗު ލަންދޫކޮޅަށް އަބުރާލުމުގައި ސްކޫލްކުދިންގެ ދަނޑާއި ދިމާލުން ގޯލްގާތުުގައި ތިބެގެން އަންހެންވެރިން ލަންދޫޓީމަށް ދިން ސަޕޯރޓް ވަރަަށް މުހިއްމު ދަޢުރެއް އަދާކުރެއެވެ.
ރެފުރީ ޕަޓޭގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ އިންސާފްވެރި ރެފްރީކަން ފެނިގެންދިޔަ މި މިޗުގައި " ލަންދޫ ސްކަރ .ޓީކޭ " (landhoosoccer.tk ) އިން ހޮވި މެޗުގެ މޮޅުކުޅުން ތެރިޔާއަށް ސެޓްފިކެޓާއި ފައިސާގެ ޢިނާމް ހަވާލްކޮށްދެއްވީ މާޅެންދޫ ކަތީބު އިބުރާޙިމް ފުޅެވެ.




0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ